ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށައިފި އެވެ.
ސްކޫލުތަކުގެ ކިޔެވުން ނިމި މިއަދު ވަނީ ދަރިވަރުންނަށް ރިޕޯޓް ފޯމް ދީފަ އެވެ. 2022-2023 ގެ ދިރާސާ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފެށީ އޮގަސްޓް ހަތް ވަނަ ދުވަހު އެވެ.
ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖެނުއަރީ އަށްވަނަ ދުވަހު އެވެ. ދެވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭ އިރު ދެވަނަ ޓާމް ނިމޭނީ ޖޫން 22، 2023ގަ އެވެ.
ކުރިން ދިރާސީ އަހަރު ފަށަނީ ޖެނުއަރީ މަހު އެވެ. ނަމަވެސް ސްކޫލުތަކުގެ އެކަޑެމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނައީ ކޮވިޑް-19ގެ ސަބަބުންނެވެ.
ޗުއްޓީ ފެށިފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިއަހަރުގެ އޮގަސްޓް މަހު ފެށީ 271 ސްކޫލެއްގައި 92،300 އެއްހާ ދަރިވަރުންނާއެކު އެވެ. އޭގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލު ހިމެނޭއިރު ސަރުކާރު ސްކޫލުތަކުގައި 76،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ.