މެންބަރު ހުސައިން މުހައްމަދު ލަތީފް

ކޮންމެ ދަރިވަރެއް މުޖުތަމައަށް މުހިންމު: ނައިބު ރައީސް

ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާކުރުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު އިލްތިމާސް ކުރައްވައިފި އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނައިބުރައީސް ވިދާޅުވީ ސްކޫލާއި ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލު ކަމަށެވެ.

"އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިލްތިމާސް ކުރަން،" ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 96،000 އެއްހާ ދަރިވަރުންނާއެކު އެވެ.

އެ ގޮތުން ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން އަދި ޕްރައިވެޓް ސްކޫލުތަކުގައި 13،000 އެއްހާ ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ސްކޫލުތަކުގައި 17،000 އެއްހާ ދަރިވަރުން މި ދިރާސީ އަހަރު ކިޔަވާނެ އެވެ.

ދިރާސީ އާ އަހަރަށް ރަށްރަށުން 1،126 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުގެ ސްކޫލުތަކުގައި މި ދިރާސީ އަހަރު 12،000 އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރާނެ އެވެ. މީގެ ތެރޭގައި 10،700 އަށްވުރެ ގިނަ ދިވެހި ޓީޗަރުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އެވެ.