ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ 33 ޕަސަންޓް އަންހެނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށާއި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

އެ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށާއި އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށް އިސްލާހުގައިވެ އެވެ.

އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް ކަމަށާއި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އިއުލާނުކުރާ ފުރަތަމަ މަޖިލިސް އިންތިހާބު ބާއްވަންވާނީ މި ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން ކަމަށްވެސް އިސްލާހުގައިވެ އެވެ.

ރޮޒައިނާ މި އިސްލާހު ހުށަހެޅުއްވިއިރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް އިންތިހާބުވީ އަންހެން ހަތަރު މެންބަރުންނެވެ. އަދި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބުވީ އަންހެން ތިން މެންބަރުންނެވެ.