އަބްދުއްރަހީމް އަބްދުﷲ

އަދުރޭ، މަޖިލިސް ރައީސްކަން ލިބޭނެކަމުގެ ޔަގީންކަމުގައި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ދެއްވައިފި އެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ލަހެއް ނުވެ ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގޮތުން ސިޔާސީ ގޮތުން މިއަދު ހުރި ހިސާބަށް އާދެވިފައިވަނީ ފޮނަދޫގެ ރައްޔިތުންގެ ކުރި ތާއީދާއި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އަބަދުވެސް ހަނދާންކުރާނަން އަބަދުވެސް ހަނދާނުގައި ހުންނާނެ އަޅުގަނޑު ކޮންމެ މަގާމަކަށް ދިޔަ ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްވެސް ވަނީ މަޖިލީހުގެ ރައީސްކަމަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އިއްޔެ ދެއްވާފަ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ފައިސަލް ވިދާޅުވީ 28 ގެ ފަހުން ލ. އަތޮޅުގައި އުފާފާޅުކުރާނެ ކަމަށެވެ.