މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކްލާސް ރޫމްތައް އޭސީކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހުކުރީ ކ. މާފުށީ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ "ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަށާ ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުއާއެކު ބައެއް އަތޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެ ދަތުރުފުޅުތަކުގައި ވަރަށް ގިނަ ރަށްރަށުގައި ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވީ ސްކޫލު މަދަރުސާތަކުގެ ހޯލުތަކުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ދަތުރުފުޅުތަކުގައި ރައީސް މުއިއްޒު ސްކޫލުތަކުގެ ކްލާސްރޫމްތަކަށް ވަޑައިގެން އެ ކްލާސްރޫމްތައް ހޫނުކަން ރައީސް ފާހަގަކުރެއްވެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކްލާސްރޫމްތައް ފިނިކުރުމުގެ ޕްރޮޖެކްޓްގެ ސަބަބުން ކަރަންޓު ބިލު ބޮޑުވާނެތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިހާރު މި ހޭދަކުރާ މިންވަރަށްވުރެ 38 އިންސައްތަ ކަމަށް ގާތްގަނޑަކަށް މި ޕްރޮޖެކްޓަށް އިތުރަށް ހޭދަވެގެންދާނީ ކަރަންޓް ބިލަށްވެސް،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ކްލާސްރޫމްތައް ފިނިކުރުމަށް އޭސީ ހަރުކުރާއިރު އެކަމަށް ބޭނުންވާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ނިޒާމު ކަމަށް ހެދުމަށް ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.