މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތައުލީމީ ދާއިރާގައި ދިވެހި މުދައްރިސުން އިތުރުކުރުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެކެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީނުކުރުމުގެ ކޯހުގައި ދަރިވަރުން ބައިވެރިވާ 21 ސްކޫލަކާ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.
އެގޮތުން މި ތަމްރީނު ޕްރޮގްރާމްގައި މި 21 ސްކޫލުން ޖުމްލަ 135 ދަރިވަރުން ބައިވެރިވާނެ އެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމުގެ ސަބަބުން މަތީ ސާނަވީ ތައުލީމު ނިންމައި ވަޒީފާގެ މާޙައުލަށް ނިކުންނަ އެތައް ދަރިވަރުންނެއް މުދައްރިސުންގެ ގޮތުގައި ތައުލީމީ ދާއިރާގައި ހިދުމަތް ކުރުމުގެ މަގުފަހިވެ، ތައުލީމީ ދާއިރާއަށް ދިވެހި މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.