ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުންނަށް ރިސްކް އެލަވަންސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެމަނިކފާނު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ސިލްސިލާގައި މ. މުލަކު ސްކޫލުގައި ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޓީޗަރަކު ރިސްކް އެލަވަންސް ނުލިބޭތީ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ޓީޗަރުގެ ސުވާލުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ލިބުން ވަރަށް ދަތި ކަމަށާއި އިއުލާނުކޮށްގެންވެސް ލިބުން ދަތި ކަމަށެވެ. އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަދަދު އިތުރުވަމުންދާތީ ރިސްކް އެލަވަންސް ނުލިބުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވެ އެވެ.
"ސެން ޓީޗަރުންނަށް ކުރިން ދެއްވަމުން ދިޔަ ރިސްކު އެލަވަންސް ލިބޭނެ ގޮތް ހައްދަވައިދެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ރައީސްއާ ކުރި ސުވާލުގައި ޓީޗަރު ބުނެފައިވެ އެވެ.
ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުން އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން މިއަހަރުގެ މެދުތެރޭގައި ސެން ޓީޗަރުން ތަމްރީންކުރުމާއި އަދި އެހެން ދާއިރާތަކުންވެސް ޓީޗަރުން މަދު ދާއިރާތަކަށް ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ވިދާޅުވި އެވެ.
"އަދި އެއަށްވުރެ ކުރިންވެސް މިހާރުން މިހާރަށްވެސް އެ ދާއިރާގެ ޓީޗަރުން ލިބެންހުރި ވަރެއް ބަލާ ޓީޗަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ހުއްޓިގެން ދިޔައީ ނިމިދިޔަ ސަރުކާރުން ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމަށް އޭރު އެކުލަވާލި ޕޭ ފްރޭމްވާކްގެ ސަބަބުން ކަމަށެވެ. އެކަމަކު މިސަރުކާރުން ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްއެއް ނުވަތަ ހާއްސަ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.