ކެބިނެޓް

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ތައުލީމީ މަންޙަޖުގައި ހިމަނައިގެން އަންނަ ދިރާސީ އަހަރު އެ މާއްދާ ކިޔަވައިދޭން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަޒީރުން ހިމެނޭ ސޯޝަލް ކައުންސިލްގެ ބައެއް ނިންމުންތައް ހިމެނޭ ކަރުދާސްތަކެއްގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފާއަށް ބެއްލެވުމަށްފަހު އެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި ދިވެހި ބަހާއި ގައުމިއްޔަތު ދިރުވުމަށްޓަކައި ހާއްސަ ވުޒާރައެއް އުފެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ ވުޒާރާތައް އުފެއްދެވިއިރު ދިވެހި ބަހާއި ގައުމިއްޔަތު ދިރުވުމަށްޓަކައި "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް"ގެ ނަމުގައި ވުޒާރާއެއް އުފައްދަވާފައިވެ އެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނަމަވެސް މިމާއްދާގެ ކަރިކިއުލަމް އެކުލަވާލުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ އޮގަސްޓް މަހު އެވެ. ނަމަވެސް ދިރާސީ އަހަރުގެ ފެށުން ކުރިންވެސް ރާއްޖޭގައި އަމަލުކުރަމުން އައިގޮތަށް ޖެނުއަރީ މަހު ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށްޓަކައި 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހުު ފަށާ ގޮތަށްވެސް ރައީސް މުއިއްޒު މިހާރު ވަނީ ނިންމަވާފަ އެވެ.