ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއް އެއްކޮށްލަނީ

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމާއި ގުޅޭ ގޮތުން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެބިނެޓް ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ރައީސް މުއިއްޒުގެ ބަސްދީގަތުމެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.

އެ ބަސްދީގަތުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މުހިންމު ކަންތައްތަކަކަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ނޫނީ އެމްއޭސީއެލްއާ މާޖްކޮށް އެކީގައި ހިންގޭނެ ގޮތްތަކާމެދު ކެބިނެޓްގައި މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނެސް އެޗްޑީސީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ހެދުން ނުވަތަ ދެ ކުންފުނި މާޖްކުރުމާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ދެ ކުންފުނި އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމާއި ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލާއިރު ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުއިއްޒު މިދިޔަ މަހު ވަނީ ނިންމަވާފަ އެވެ.