މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަހު އާންމުކުރަނީ

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މިމަހު އިއުލާނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓް، ކުރީ ސަރުކާރުގައި ނޮވެމްބަރު ހަތަރެއް، 2023 ގައި އާންމުކުރި އެވެ. އެ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެވެ.

އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ބުނީ ފްލެޓް ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.

ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހު ހާމަކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފަ އެވެ.

އެ މިނިސްޓްރީ ރޭ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިމަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.