މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

20 އަހަރުގެ މާސްޓާ ޕްލޭން އެކުލަވާލުމަށް އޮސްޓްރޭލިއާއިން އެހީ ވަނީ

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމާއި އެކަމާ ގުޅޭ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރުން ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފް އެވެ.

މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ 20 އަހަރުގެ މާސްޓާ ޕްލޭންއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުމަށް ނިންމާ އެކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކި ޕާޓީތަކާއި ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.