މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ހައުސިން މިނިސްޓްރީގެ މަސައްކަތްތައް އާދިއްތަ ދުވަހު ފަށަނީ

ހައުސިން މިނިސްޓްރީގެ މަސައްކަތްތައް އާދިއްތަ ދުވަހު އަލުން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތައް ހުއްޓުނީ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތަށްފަހު އާދިއްތަ ދުވަހު މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާ ސަލާމަތް ނުކުރެވުމުން އޭގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އެއްކޮށް ވަނީ ގެއްލިފަ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ އަނދާ ހުލިވުމާ ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ގެއްލުމުގެ ބިރު އޮތް ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓް ސަލާމަތް ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގޯއްޗާއި ފްލެޓް ލިސްޓް ރައްކާކޮށްފައިވަނީ ކްލައުޑް ހޯސްޓިން ގައެވެ.

އަލިފާނުގެ ހާދިސާގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.