ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އާންމުންގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނު ހިނގި އަލިފާނުގެ އެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.
އަލިފާނުގެ މި ހާދިސާގެ ތަހުގީގަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މި ހާދިސާ ތަހުގީގުކުރުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ގާތްގަނޑަކަށް 6:30 ހާއިރު އަލިފާން ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީ ގައެވެ. އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ އެންވަޔަރަމަންޓް މިނިސްޓްރީ ގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ގައެވެ.
އަލިފާނުގެ ހާދިސާގައި އިމާރާތް ނެތިދިޔަ ތިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން ދަނީ ދަރުބާރު ގޭގަ އެވެ.