ޑރ. މުހައްމަދު މުއިއްޒު

ދަރުބާރުގޭގައި މިނިސްޓްރީތަކުގެ ހިދުމަތް ދޭން ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީއެއް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައި އެކަމަށް ބޭނުންވާ އިރުޝާދުތައް ދެއްވައިފި އެވެ.

އެ މިނިސްޓްރީތައް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މާލޭގައި ބުރާސްފަތި ދުވަހު ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން އަލިފާން ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީ ގައެވެ.

އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގަ އެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ގައެވެ.

މި ހާދިސާގެ ސަބަބުން ތިން މިނިސްޓްރީއެއްގެ މަސައްކަތްތައްވެސް ހުއްޓިފައިވީ ނަމަވެސް އެ މިނިސްޓްރީތަކުގެ މަސައްކަަތްތައް އަލުން ފެށުމަށް އެ މިނިސްޓްރީތައް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ގޮތުން ހައުސިން މިނިސްޓްރީގެ މަސައްކަތްތައް އާދިއްތަ ދުވަހު ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފަ އެވެ.