މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެމްޑީޕީ އިން ނިންމައިފި އެވެ.
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ ގޮތުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް އެދޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ތަހުގީގުގައި ސިފައިން ބައިވެރިކުރުމަކީވެސް އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާގައި މިނިސްޓްރީތަކުން ގެއްލުނު ލިޔުންތަކަކީ އަރުޝީފުގެ ގާނޫނުގެ ދަށުން އަރުޝީފު ކުރެވިފައިވާ ލިޔުންތޯ ބެލުމަށް އަރުޝީފުގެ ޑިރެކްޓަރުގެ އަރިހުން އެދޭނެ ކަމަށްވެސް މަހުފޫޒު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ ތަހުގީގުތަކެއް ހިންގުމަށް އެދޭނެ ކަމަށް އެމްޑީޕީން ބުނެފައިވާއިރު އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.