ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދާ ހުލިވުމާ ގުޅިގެން އެ ހާދިސާ ތަހުގީގުކުރުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަން ނިންމައިފި އެވެ.
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ގާތްގަނޑަކަށް 6:30 ހާއިރު އަލިފާން ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީ ގައެވެ. އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ އެންވަޔަރަމަންޓް މިނިސްޓްރީ ގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ގައެވެ.
މި ހުރިހާ އިދާރާއެއް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް މާދަމާ އިން ފެށިގެން ހިދުމަތް ފަށައިގަތުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ދަރުބާރުގޭގައި ހުންނަވައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ހިނގައިގެން މިއުޅެނީ އަލިފާނުގެ ބޮޑު ހާދިސާއެއް ކަމަށްވާތީ ވީހާވެސް ރަނގަޅަށް އެ މައްސަލަ ތަހުގީގުކުރަން ފުލުހުން ބޭނުންވާ ކަމަށެވެ. އެހެންވެ މިމައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާ އެއްކޮށް މަސައްކަތް ކުރެވޭނެ މިންވަރަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމާ ގުޅޭ ފަރާތްތަކާއެކު މަސައްކަތް ކުރާނަން،" ސީޕީ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މި މައްސަލައިގެ ތަހުގީގުން ސާފުވާ މައުލޫމާތު ވީހާވެސް ފުރިހަމައަށް އެނގޭނެހެން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. މިހާދިސާގައި އަލިފާން ނިއްވުމަށް ސިފައިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފުލުހުން ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އަލިފާން ރޯވި ސަރަހައްދު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ ފުލުހުންގެ ފޮރެންސިކް ޓީމުތައް އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ އަލިފާން ރޯވި ވަގުތު އެ މަންޒަރު ފެނުނު މީހުންނާއި އެ ވަގުތު އެ އިމާރާތްތައް ހުރި ސަރަހައްދުގައި ތިބި މީހުންނާއި ކަމާ ގުޅޭ އެހެންވެސް ފަރާތްތަކުގެ ބަޔާންތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރަމުންދާ ކަމަށެވެ.
އަލިފާނުގެ މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންނަށް އެ މައުލޫމާތެއް ހިއްސާކުރުން މުހިއްމު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.