ސަރުކާރުގެ ތިން މިނިސްޓްރީއެއް އަނދާ ހުލުވި ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކުރި ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އައީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އެ ޓީމް މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއިން ފުރާފައިވާއިރު ފުލުހުން ބުނިި ގޮތުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފަ އެވެ.
ފުލުހުން ބުނީ ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކޮށްފައިވާ ކަމަށެވެ.
ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މާލޭގައި މިމަހުގެ 12 ވަނަ ދުވަހު ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ގާތްގަނޑަކަށް 6:30 ހާއިރު އަލިފާން ފުރަތަމަ ރޯވީ ޓިނުން ހަދާފައި ހުރި ހައުސިން މިނިސްޓްރީ ގައެވެ.
އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ ގައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި އިރުގަނޑެއް ފަހުން ދެން ރޯވީ އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ގައެވެ.
އަލިފާނުގެ މި ހާދިސާގައި އެ ތަންތަނުގައި ރޯވެ އިމާރާތްތަކާއި އަދި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި ވަސީލަތްތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އެހެންވެ ވަގުތީގޮތުން އެ ތިން މިނިސްޓްރީ މިހާރު ހިންގަމުން ދަނީ ދަރުބާރުގޭގައެވެ.