ޑރ. މުހައްމަދު މުއިއްޒު

ނަތީޖާ ދެއްކެވީ ކެބިނެޓްގެ ތަފާސްހިސާބުން

މި ސަރުކާރުން ކުރި މަސައްކަތާއި އޭގެ ނަތީޖާ ކެބިނެޓް ބައްދަލުވުންތަކުގެ ތަފާސްހިސާބުތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވައިފި އެވެ.

ތަފާސްހިސާބުތައް ރައީސް މުއިއްޒު ހިއްސާކުރެއްވީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ޔަގީންވެގެންދާނީ އިގުތިސާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަގީން ވެގެން ކަމަށެވެ.

އެ ގޮތުން މި ސަރުކާރުން ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އިކޮނޮމިކް ކައުންސިލްގެ 56 ބައްދަލުވުމެއްގައި 176 ނިންމުމެއް އަދި ސޯޝަލް ކައުންސިލްގެ 16 ބައްދަލުވުމެއްގައި 48 ނިންމުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށް މުހިންމު އިސްލާހީ އެޖެންޑާއެއް ފަށްޓަވާފައިވާ ކަމަށާއި ފަރުދީ ގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ގައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމަށެވެ.