މި އަހަރު އަލަށް ކިޔައިވައި ދޭން ފެށި އިއްޒުއްދީން ސްކޫލް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. އިއްޒުއްދީން ސްކޫލް ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލެއް ކާމިޔާބުކޮށް ހިންގަން ބޭނުންވަނީ މޮޅު ވަސީލަތްތައް ނޫން ކަމަށާއި ސްކޫލް ހިމެނޭ ހަރުފަތް ނުވަތަ ވަނަ ބިނާ ވާނީ ސްކޫލުގެ މުވަައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ މަސައްކަތަށް ކަމަށެވެ.
އަދި ދެތިން އަހަރު ތެރޭގައި އިއްޒުއްދީން ސްކޫލަކީ ސަރަހައްދުގެ ގަދަ ތިނެއްގައި ހިމެނޭނެ ސްކޫލަކަށް ހަދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް އިއްޒުއްދީން ސްކޫލަށް ނެހެދެންވީ ސަބަބެއް ނެތް. ސްކޫލެއް މޮޅުވެފައި މަތިވެރި ވަނީ އެތަނުގެ ދަރިވަރުންގެ އަދަދަކުން ނޫން. އެތަނުގެ އުމްރާނީ ވަސީލަތްތައް މޮޅު ކަމުންނެއް ނޫން. ސްކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެ ބޮޑު ބަހާ އަކީ އެ ސްކޫލެއްގައި ގާއިމް ކުރާ އާދަކާދަ" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މުޅިން އަލަށް ސްކޫލެއް ހިންގަން ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފާ ސްކޫލުގައި ރަނގަޅު އާދަ ކާދަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ސްކޫލް ހުޅުވުމުގެ ގޮތުން، ދިދަ ނެގުމަށްފަހު ވަނީ ސްކޫލް ލަވަ ޖަހައިފަ އެވެ. ސްކޫލުގެ ލަވަ އެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މީގެ ކުރިން ބޭނުން ކޮށްފައިވާ އަދި މިހާރުު ވެސް ބައެއް ސްކޫލްތަކުގައި ބޭނުން ކުރާ "ޅަފަތުގާ އުނގެނެމާ، އުފަލުގައި ކިޔަވަމާ" މި ލަވަ އެވެ. މަލިކުރުވާ މަލުގެ ކުލަ ސްކޫލަށް ދީފައިވާއިރު މި ސްކޫލުގެ މޮޓޯ އަކީ "ހައްގު ތެދު ހޯދާށޭ" -- ސީކް ޓު ޓްރުތް -- އެވެ.
މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އިއްޒުއްދީން ސްކޫލް ގެ ނަމުގައި އާ ސްކޫލެއް މާލޭގައި ހުޅުވަން ސަރުކާރުން ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ.
ކުރީގެ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި މި ސްކޫލް ހުޅުވަނީ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެ ސްކޫލެއްގެ ގޮތުގަ އެވެ. އެއްދަންފަޅި އަށް ކިޔަވައިދޭ މި ސްކޫލްގައި ގްރޭޑް 7 އިން ފެށިގެން 10 ހަމައަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގްރޭޑެއް އިތުރުކުރާ ގޮތަށެވެ.
އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކީ އިސްމާއިލް ނަސީރެވެ.
މިއީ ރާއްޖޭގައި ހުޅުވި 212 ވަނަ ސްކޫލް އަށް ވާއިރު މި ސްކޫލާއެކު މާލޭ ސަރަހައްދުގައި ޖުމްލަ 16 ސްކޫލް ހުންނާނެ އެވެ.