އަރަބިއްޔާ ސްކޫލް

ބެލެނިވެރިން ބޭނުންވަނީ އިއްޒުއްދީން އަރަބިއްޔާއަށް ދޭން

އިއްޒުއްދީން ސްކޫލު ހިންގާ އިމާރާތް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެކަނި ވަގުތީ ގޮތުން ބޭނުންކުރަން އަރަބިއްޔާގެ ބެލެނިވެރިން ހުށަހަޅައިފި އެވެ.

އަރަބިއްޔާގެ ބެލިނިވެރިން މިގޮތަށް ހުށަހެޅީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ އަރަބިއްޔާގެ މެނޭޖްމަންޓާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތުގައި ރެނދުލައިފައިވާތީ އެ ސްކޫލުގައި ކިޔަވައިދިނުން ރައްކާތެރިނުވާނެތީ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް ބެލެނިވެރިންނާ ހިޔާލުތަފަތުވެ ކޮޅެއްގައި ނުޖެހޭތީ މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވެސް ބައިވެރިވެލެއްވި އެވެ.

އަރަބިއްޔާ ސްކޫލުގެ ނާއިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ އަރަބި އަދި ދީނީ ސްކޫލަކަށް ވާތީ އެ ސްކޫލަށް ވާތީ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި އަރަބިއްޔާގެ ދަރިވަރުން މަސްހުނިވެގެން ދަރިވަރުން ކިޔަވަން ބޭނުންނުވާ ކަން މިއަދުގެ ބައްދަލުވުމުގައި ހާމަކުރި ކަމަށެވެ.

އެހެންވެ ބެލެނިވެރިން ބޭނުންވަނީ އިއްޒުއްދީން ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލުގެ އިމާރާތަށް ބަދަލުކޮށް އިއްޒުއްދީންގެ އިމާރާތް ހަމައެކަނި އަރަބިއްޔާގެ ދަރިވަރުންނަށް ހާއްސަކުރާށެވެ. ދަރުމަަންތަ ސްކޫލުގެ
ދަރިވަރުންނަށް މިހާރު ދަނީ މާލޭ ޖަލު ހުރި ކޮއްޓާއެކު ޖެހިގެން ހުރި ކޮއްޓާ ދެކޮށި އެއްކޮށްލައިގެން ހިމެނޭ ސަރަހައްދުގައި އާ އިމާރާތެއް އަޅަމުން ނެވެ.

އަރަބިއްޔާގެ ސްކޫލުގެ މައްސަލަ ހައްލުނުވާތީ ބެލެނިވެރިން މިއަދު ސްކޫލުގެ ދޮރުމަތީގައި އިހުތިޖާޖުވެސް ކޮށްފަ އެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ނޫސްވެރިންނާ ބައްދަލުކުރްވައި ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަލައި އެ ބޭފުޅުންގެ ހުށަހެޅުންތަކާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.

މި އިހުތިޖާޖުގައި "ސޭވް އަރަބިއްޔާ" ފަދަ ސްލޯގަންތައް ބޭނުންކޮށްފައިވާތީ އެކަމަށް އިޝާރަރް ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ފަދަ ސްލޯގަންތައް ބޭނުންކުރުން އެންމެ ރަނގަޅު ނޫން ކަމަށެެވެ. އަދި އަރަބި އިސްލާމީ ތައުލީމު ނައްލާތުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

މީގެ ކުރިން މިނިސްޓްރީން ވަނީ އަރަބިއްޔާގެ ދަރިވަރުންނަށް ހުޅުމާލޭގެ ބިމެއްވެސް ހަމަޖައްސައިދޭން ހުށަހަޅައިފަ އެވެ. ނަމަވެސް ބެލެނިވެރިން އެކަމާ ދެކޮޅެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނަށް މާލެއިން ބިމެއް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލު ހުޅުވާ އެތަނުގައި ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު 19، 2013ގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރަން ފެށިތާ މިވީ އަށް އަހަރު ދުވަހުގެ ތެރޭގައި އިމާރާތުގެ ބައެއް ތަނބުތަކުގައި ވަނީ ރެނދު ލާފަ އެވެ.