އަރަބިއްޔާ ސްކޫލް

އެޑިއުކޭޝަންގެ ނިންމުމަށް އަމަލެއް ނުކުރާނަން: ޕީޓީއޭ

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅު ކަމަށާ އެ ނިންމުމަށް އަމަލު ނުކުރާނެ ކަމަށް އެ ސުކޫލުގެ ޕޭރަންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ބުނެފި އެވެ.

އެޑިއުކޭޝަނުން ރޭ ނެރެފައިވާ ބުނެފައިވަނީ އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ސްކްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަންވެސް ވަނީ ނިންމާފައެވެ. އެޑިއުކޭޝަންގެ ބަޔާނުގައި ބުނީ އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށެވެ.

އެޑިއުކޭޝަނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އިއްޒުއްދީން ސުކޫލަށް ބަދަލުވާން އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށެވެ. އެކަން ފާހަގަކޮށް އަރަބިއްޔާ ޕީޓީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓްގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ އިއްޒުއްދީން ސުކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށށާ އެކަން އެހެން ކޮށްފިނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުކޫލަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާ ފޫ ނުބެއްދޭވަރުގެ ގިނަގިނަ ގެއްލުންތައް ވާނެކަން ބެލެނިވެރިންނަށް ޔަގީން ކުރެވޭ ކަމަށެވެ.

"ވީމާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތަށް އިއްޒުއްދީން ސުކޫލުގެ އިމާރާތަށް އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާ މި މައްސަލައަށް ހަމައެކަނި އޮތް ހައްލަކީ އަރަބިއްޔާގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސުކޫލެއްގެ ދަރިވަރުން މައްސުނި ނުވާހެން މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި އިމާރާތްތަކުން ކޮންމެވެސް އެއް ތަނެއްގައި އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ،"

އަރަބިއްޔާ ޕީޓީއޭއިން ވަނީ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް ސޯލިހަށް ދެ ފަހަރު ސިޓީ ފޮނުވުމުންވެސް އެކަމަށް ޖަވާބެއްވެސް ދެއްވާފައިނުވާ ކަމަށް ބުނެފައެވެ.

އަދި އެ ހާލަތުގައި އެޑިއުކޭޝަނުން ނިންމި ނިންމުމަކީ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅި އެކުދީންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެ ނިންމުމެއް ކަަމަށް ބުނެފައިވެއެވެ.