އަހުމަދު ތޯރިގް

އަރަބިއްޔާގެ މަސައްކަތް ލަސްވާތީ މިނިސްޓަރާ ސުވާލުކުރަނީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތަކާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތް އަލީ އާއި ސުވާލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހަޅައިފި އެވެ.

ތޯރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރު އައިޝަތް އަލީ އާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރުމަށް އެދި ހުށަހަޅާފައިވާކަން ހާމަ ކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލު ކުރީ 2022 ވަނަ އަހަރުގެ ތެރޭގައި އެވެ. ތޯރިގް ވަނީ މިނިސްޓަރާއި ޖުމުލަ ތިން ސުވާލެއް ކުރުމަށް ހުށަހަޅާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރާއި ތޯރިގް ކުރާ ސުވާލުތައް

  • އަރަބިއްޔާއަށް އަޅާ ސްކޫލުގެ ކޮންޓްރެކްޓްގެ އަގަކީ ކިހާވަރެއްތޯ؟
  • މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބާތޯ؟
  • މިހާރު މަސައްކަތް ނިމިފައިވަނީ ކިހާ ވަރަކަށްތޯ އަދި ސްކޫލްގެ ބޭނުން ކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ؟

އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން އަންނަނީ ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހުވެސް ބެލެނިވެރިން ވަނީ މުޒާހަރާ ކޮށްފަ އެވެ.

ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގަ އެވެ.

ސްކޫލުގެ މަސައްކަތް ލަސްވާތީ އިހުތިޖާޖުކުރި ބެލެނިވެރިން ބުނީ ދެ މަހުން ބާޖަމާލުއްދީން ބިން ހުސްކުރަން ވައުދުވި ކަމަށާއި ނަމަވެސް ހަތް މަސްވީއިރުވެސް ތަން ސާފު ނުކުރެވޭ ކަމަށެވެ.