ރައްޔިތުންގެ މަޖިލިސް

އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އަދަދު ދަށްވީ "އޮފްރޯލް" އުސޫލު އުވާލުމުން: އައިޝަތު

އޯލެވެލް ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ކުރިން ބޭނުންކުރި "އޮފްރޯލް" އުސޫލު މިހާރު ބޭނުންނުކުރާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދުގެ ތަފާސްހިސާބު ހެދުމުގައި ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި ބަލަމުންދިޔަ ކަމަށާއި ބީޓެކްއަކީ ހަތަރު މާއްދާގެ ގޮތުގައި ބަލަމުންދިޔަ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން އޭރު ފެންނަމުންދިޔައީ އަސްލު ނަތީޖާ ނޫން ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

"ފަސް މާއްދާއިން ފާސްވާ ކުދިން ކަލްކިއުލޭޓްކުރަން އޮފްރޯލް (ބައެއް ދަރިވަރުން ބާކީކުރުން) އެމީހުން ކުރަނީ. އެއީ ފާސްނުވާނެހެން ހީވާ ކުދިން ބާކީކޮށްފަ ފާސްވާނެ ކުދިން ކަލްކިއުލޭޝަނަށްލާފަ އެ މީހުން ސްޓެޓިސްޓިކްސް ކަލްކިއުލޭޓްކޮށްފަ ހުރީ،" މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ ފާސްނުވާނެހެން ހީވާ ކުދިން ބާކީ ކުރުމުން އޭރު ފާސްވާ ނަތީޖާ ބޮޑުކޮށް ފެންނަ ކަމަށެވެ.

މި ސަރުކާރުން އެ އުސޫލަށް ބަދަލުތަކެއް ގެނެސް ހުރިހާ ދަރިވަރުން ފަސް މާއްދާ ހެދުން މަޖުބޫރު ކުރި ކަމަށް އައިޝަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން 2019 ވަނަ އަހަރު ފަހުކޮޅު ނިންމީ ހުރިހާ ކުދިން ފަސް މާއްދާ ހަދަން މަޖުބޫރު ކުރީ." އައިޝަތު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވި ގޮތުގައި އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބުގެ އިތުރުން ސްޓްރީމް މާއްދާއިން އެއް މާއްދާ މިހާރު މަޖުބޫރުވާނެ ކަމަށެވެ.

"(މާއްދާއެއް ނުހަދަން) ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށްވެސް ސިވިއާ ކޭސްއެއް ހުންނަ ކުއްޖަކަށް، އަޅުގަނޑުވެސް ބެލުމަށްފަހު،" އައިޝަތު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ ފަސް މާއްދާ ތަފާސްހިސާބު ހަދާއިރު ފާސްވާ ކުދިންގެ އަދަދު ދަށްކަން ފާހަގަކުރޭވޭ ކަމަށެވެ.