މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުޅުމާލެ ސްކޫލުތަކުގައި އިތުރު 6000 ޖާގަ ހަދަނީ

ހުޅުމާލޭގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން އިތުރު 6،000 ދަރިވަރުންނަށް ޖާގަ އުފެއްދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހުޅުމާލެއަށް ބަދަލުވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރެއްވުމަށް އަލީ ނިޔާޒު އެދިވަޑައިގެންނެވި އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ކިޔެވުމަށް ވަރަށް ގިނަ ދަރިވަރުން އެދެމުންދާ ކަމަށާއި ދަރިވަރުން އެދޭ މިންވަރަކުން ޖާގަ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޖާގަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް މިނިސްޓަރު ވަނީ މިއަދު ހިއްސާކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހަކީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ވަކިން ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފުރަތަމަ ސްކޫލް -- އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވާނެ ދުވަސް ކަމަށެވެ. މިސްކޫލުގައި 824 ކުދިންނަށް ޖާގަ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަމީލް ދީދީ ޕްރީ ސްކޫލުގެ ނަމުގައި ދެވަނަ ސްކޫލެއް ހުޅުވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވެވި އެވެ. މިސްކޫލުން ވެސް 800 އެއްހާ ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއީ ޞަލާހުންދީން ސްކޫލުގެ ނަމުގައި އަޅަމުންދާ 1،200 ކުދިންގެ ޖާގައިގެ ސްކޫލަކާއި އަދި ވަކި ނަމެއް ކިޔާފައި ނުވާ 1،200 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސް ދެ ސްކޫލެއް ދަނީ އަޅަމުންނެވެ. އެއް ސްކޫލަކީ 1،100 ކުދިންގެ ޖާގަ ލިބޭ ގޮތަށް ހަދަމުންދާ ސީއެޗްއެސްސީގެ އާ އިމާރާތާއި، ކުވެއިތުގެ އަލް ޖެރީ ހޯލްޑިން ގްރޫޕުން ހަދަމުންދާ އަޖިއަލް ބައިލިންގުއަލް ސްކޫލެވެ. މިސްކޫލުން ވެސް 800 ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވެ އެވެ.

"ދެން މާލޭގައި ވެސް އަޅުގަނޑުމެން ދަރުމަވަންތަ ސްކޫލުގެ މަސައްކަތް ކުރިއަށް އެބަގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.