ހުޅުމާލޭގައި މިސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން މާލޭގެ ހަތަރު ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަކީ ވެރިކަން ކުރާ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތު ތަންފީޒުކުރަން މާލޭގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ސްކޫލުތަކުގައި އެކަށީގެންވާ ޖާގަ ނެތުން ކަމަށް ވިދާޅުވި އެވެ.
ގުރޭޓާ މާލެ ސަރަހައްދުގައި މިވަގުތު އެއްދަންފަޅިއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ މާލޭގައި އެންމެ ފަހުން ހުޅުވި އިއްޒުއްދީން ސްކޫލެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގެ ބައެއް ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރެވޭނީ މިސަރުކާރުން ހުޅުމާލޭގައި މިއަހަރު އަޅަން ނިންމާފައިވާ ހަތަރު ސްކޫލުގެ މަސައްކަތް ނިމި އެތަންތަން ބޭނުންކުރަން ފެށުމުންނެވެ. ހުޅުމާލޭގައި މިސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭނެ ސްކޫލުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި މަޖީދިއްޔާ އިސްކަންދަރު އަދި އަމީނިއްޔާ އެއްދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްސީއަށް އަޅުގަނޑުމެން މިހާރު ހުޅުމާލޭގައި އެބަ އަޅަން އާ އިމާރާތެއް. [ސީއެޗްއެސްސީގެ މިހާރުގެ ބައެއް ދަރިވަރުން] ހުޅުމާލެއަށް ބަދަލުކުރެވުނީމާ މާލޭގައި ހުރި ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ. އެހެންވީމާ އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން،" އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ޕްލޭނެއް މިނިސްޓްރީގައި އޮތް ނަމަވެސް އެ މަސައްކަތަށް ބޭނުންވާ ބަޖެޓް ލިބި ޕްލޭން ތަންފީޒު ކުރަން ފެށޭނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި ކަމަށެވެ.
މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް މަދު ނަމަވެސް އަތޮޅު ތެރޭގެ ވަރަށް ގިނަ ސްކޫލުތައް މިހާރު އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދެމުންދާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.