އަރަބި ބަހާއި އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން އިމާރާތް ކުރާ ސްކޫލެއްގެ ބިންގާ މިއަދު އަޅައިފި އެވެ.
އަރަބި އަދި އިސްލާމީ ތަރުބިއްޔަތަށް އިސްކަންދޭ ކުދިންތަކެއް ބިނާކުރުމަށް އަމާޒުކޮށްގެން ހުޅުމާލޭގައި ސްކޫލެއް އަޅަނީ ކުވެއިތުގެ އަލް ޖެރީ ހޯލްޑިން ގްރޫޕުންނެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމާއި ޖެރީ ގުރޫޕްގެ އިސްވެރިޔާގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ އަލްޖެރީ ގުރޫޕުން ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލަކީ ޒަމާނީ ވަސީލަތްތަކާ އެކު ޒަމާނީ ތައުލީމު ފޯރުކޮށްދޭ އަދި ރާއްޖޭގެ މުސްތަގުބަލަށް ބޭނުންވާ ލީޑަރުން އުފައްދައިދޭނެ ސްކޫލަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގަލްފު ގައުމުތަކުގައި ޒަމާނީ ތައުލީމު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ޖެރީ ގުރޫޕުން ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލުގެ ނަމަކީ "އަޖިއަލް ބައިލިންގުއަލް ސްކޫލް" އެވެ.
ތައުލީމީ ދާއިރާގައި 60 އަހަރުގެ ތަޖުރިބާ ހުރި އަލްޖެރީ ގުރޫޕްގެ ސްކޫލު އަޅަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އެވެ. މިސްކޫލަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްގެން ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަނޭޝަނަލް ސްކޫލެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ފުރަތަމަ ބައިގެ މަސައްކަތްތައް ނިންމާލުމަށްފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ސްކޫލުގައި ކިޔަވައިދިނުމަކީ އަމާޒެއް ކަމަށް ޖެރީ ގުރޫޕުން ބުނެފައިވެ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައިވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.
އަޖިއާލް ބައިލިންގުއަލް ސްކޫލް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އަށެވެ.
އެޗްޑީސީއާއި އެޑިޔުކޭޝަން މިނިސްޓްރީން ގެންދަނީ އެކި ފަރާތްތަކާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ސްކޫ،ލުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އަރަބި ބަހުން ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލުގެ ގޮތުގައި މިވަގުތު ހުރި ހަމައެކަނި ސްކޫލަކީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލު) އެވެ.