ތަނަވަސްކަމުގެ އަހުލުވެރިން، ތިމާއަށް ކޮށްދެވެން އޮތް ހެޔޮކަމެއް އެކަމަށް އެންމެ ބޭނުންތެރި ވަގުތުގައި ކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
ނައިބް ރައީސް ފައިސަލް އެކަމަށް އެދިވަޑައިގެންފައި ވަނީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މުހައްމަދު ގާސިމް ޕްރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ސްކޫލް އިމާރާތްކޮށްފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ އަލީ ފިރާގު އެވެ. ސްކޫލަށް ނަން ދީފައިވަނީ އޭނާގެ ބައްޕަގެ ނަމާ ގުޅުވައިގެންނެވެ.
ސަރުކާރުން ހުޅުމާލޭގައި ހިންގާ ފުރަތަމަ ޕްރީ ސްކޫލް މިއަދު ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތަނަވަސްކަން ލިބިފައިވާ ކޮންމެ މީހަކު ވެސް ހެޔޮ ކަންކަމަށް ހޭދަކުރުމަކީ ހެޔޮކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ. މި ސްކޫލް ހުޅުވިގެން މިދަނީ މިކަމަށް ވަރަށް ބޭނުންޖެހިފައިވާ ވަގުތެއްގައި ކަމަށާއި އެކަމަށްޓަކައި ފިރާގު ކޮށްދެއްވީ އަގުނުކުރެވޭ ބުރަ އަދި އެހާމެ ރަނގަޅު މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މި ނޫނަސް އޭނާ އަކީ ހުޅުމާލެއަށް އެތައް ގޮތަކުން ކަންކަން ކޮށްދީފައިވާ ބޭފުޅެއް،" ފައިސަލް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ޅަފަތަކީ ތުއްތު ކުދިން އެކަކު އަނެކަކާ ބައްދަލުވެ ކަންކަން ހައްލުކުރަން ދަސްކުރާ އުމުރު ކަމަށެވެ. އެހެންކަމުން ތުއްތު ކުދިންނަށް އުނގުނެމަށް ލިބުނު މި ފުރުސަތުގައި މުހައްމަދު ގާސިމް ޕްރީ ސްކޫލަށް ވީހާވެސް ގިނަ ދަރިވަރުން ފޮނުއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލްގެ މަސައްކަތް ފަށައިފައިވާއިރު އެއް ސްކޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން. ޅަފަތުގެ ތައުލީމު ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. މުޅި ރާއްޖެއަށް ބަލައިލިޔަސް މި ސަރުކާރުން ތައުލީމު ކުރިއަރުވަން ކޮށްދޭ މަސައްކަތްތައް ފެނިގެންދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން ނިންމާފައިވާ ސްކޫލުގައި 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.
އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މިމަހުގެ 11 ވަނަ ދުވަހު އެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.