މެލޭޝިއާގެ ޔުނިވަސިޓީ މަލާޔާއިން "މާސްޓާސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅޭ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްދެއްވައިފި އެވެ.
ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ސްކޮލާޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި "މާސްޓާސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅޭ 17 ބޭފުޅުންނަށް އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްދެއްވީ މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިއަށް ގެންދާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މަގާމުގެ ލިޔުމާ ހަވާލުވި ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރުމުގަައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، އެއް އަމާޒަކަށް ވާސިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ.
ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލާޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަގުސަދުގައި މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަސިޓީގައި ކުރިއަށް ގެންދިޔަ "މާސްޓަސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ބޭފުޅުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިންގާ ސްކޮލާޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.