މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭން "ފަންނުވެށި" ހުޅުވައިފި

Aug 12, 2022

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" މިރޭ ހުޅުވައިފި އެވެ.

ފަންނުވެށި ގާއިމުކޮށްފައިވާ އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފަންނުވެށި ހުޅުއްވައިދެއްވީ ނައިބްރައީސް ފައިސަލް ނަސީމު އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެވެ.

އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި މަރުކަޒަކީ ތައުލީމުގެ ގާނޫނުގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަރިވަރުންނަށް ވޮކޭޝަނަލް އެޑިޔުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް ތިނެއްގެ ސަނަދަކާ އެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެ ކވެ.

އިމާދުއްދީން ސްކޫލަކީ 2004 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.