މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް -- ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވައިފި އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް މިއަދު ހާއްސަ އެސެމްބްލީއަކާއެކު ހުޅުއްވައިދެއްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމަކީ ތައުލީމީ ދާއިރާ ކަމަށެވެ. މުޖުތަމައަށް ފައިދާކުރަނިވި ދަރިންތަކެއް އުފެއްދުމަށް މި ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވާ އަދި އެންމެ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަކީ ތައުލީމު. ތައުލީމީ ދާއިރާފުޅާކޮށް މިދެންނެވިފަދަ [މުޖުތަމައަށް ފައިދާކުރާނެ] ދަރީންތަކެއް ގައުމަށް އުފެއްދުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން،" ނައިބު ރައީސް ވިދާޅުވި އެވެ.

މި ސްކޫލް ނިސްބަތް ވަނީ ރާއްޖޭގައި އެކުލަވާލި ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އައްޔަނުކުރެވުނު ވަޒީރުލް މައާރިފް އަލްއުސްތާޒް އަހްމަދު ކާމިލްދީދީ އަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ސްކޫލްގެ މޮޓޯ އަކީ އަހްމަދު ކާމިލްދީދީގެ ހޮބީ ނުވަތަ އެންމެ ކުރާހިތްވާ ކަންތައް ކަމަށެވެ. އެއީ ފޮތް ކިޔުމާއި ފޮތްކިޔުމާއި ލިޔުއްވުމެވެ.

"މިއަހަރު ތެރޭ މި ސްކޫލާ އިންވެގެން ހުރި ޕްރީ ސްކޫލް ވެސް ހުޅުވިގެންދާނެ، އަދި އިރާދަކުރެއްވިއްޖާ މި ދިރާސީ އަހަރުގެ ދެވަނަ ޓާމްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަރިވަރުންނަށް ހާއްސަކުރެވިގެން ހުޅުވޭ ސަލާހުއްދީން ސްކޫލް ވެސް ހުޅުވޭނެ. އެ ސްކޫލަކީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެވޭނެ ސްކޫލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސްކޫލް ހުޅުވުމާއިއެކު ދެވަނަ ފިޔަވަހީގައި އާބާދުވި ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ އެ ދަރިވަރެއްގެ ގޮތުގައި އެ ދަރިވަރެއް ބަލައިގަންނަ ދަރިވަރުންގެ އިހުސާސްތައް އެނގޭ، ދަރިވަރުން އުފާއުފަލުން އުޅޭނެ މާހައުލަކަށްވުން،" ޑރ. އައިޝަތު ވިދާޅުވި އެވެ.

އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަޔަކަށް ކިޔަވައިދޭ މި ސްކޫލަކީ 824 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ މިސްކޫލުގައި ހުންނަނީ ޖުމްލަ 24 ކްލާސްރޫމެވެ. މިއަދު ހުޅުވާފައި ވަނީ ސްކޫލްގެ ފުރަތަމަ ބައެވެ. އެއީ 12 ކްލާސްރޫމެވެ.

އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަމީލް ދީދީ ޕްރީ ސްކޫލުގެ ނަމުގައި ދެވަނަ ސްކޫލެއް ހުޅުވުމުގެ މަސައްކަތް ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.