މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސަލާހުއްދީން ސްކޫލުގައި ކިޔަވައިދޭން ފަށަނީ އެއްދަންފަޅިއަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ސަލާހުއްދީން ސުކޫލްގައި ދިރާސީ އާ އަހަރާ އެކު އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސަލާހުއްދީން ސްކޫލުން ޖާގަ ދީފައިވާ ދަރިވަރުންގެ ބެލެނިވެރިންނާ އެކު ރެހެންދި ސްކޫލުގައި މިނިސްޓަރު ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމުގައި ވަނީ ސްކޫލުގައި ކިޔެވުން ކުރިއަށް ގެންދާނެ ގޮތާއި ދަރިވަރުންނަށް ހުރި ވަސީލަތްތަކާއި ސްކޫލު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ސަލާހުއްދީން ސްކޫލުގައި ކިޔެވުން ފެށުމަށް ހަމަޖައްސާފައިވަނީ 44 ކުލާސްރޫމެއްގައި އެއްދަންފަޅި އަށެވެ.

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ސްކޫލުގައި ފަސޭހަ އިންތިޒާމުތަކެއް ހުންނާނެ ކަމަށެވެ. ސަލާހުއްދީން ސްކޫލަކީ މުޅިން އަލަށް ހުޅުވާ ސްކޫލަކަށްވީ ނަމަވެސް އެހެން ސްކޫލުތަކުގައިވެސް ލިބެން ހުންނަ ހިދުމަތްތައް ދަރިވަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

ސަލާހުއްދީން ސްކޫލުން ޖާގަ ހޯދުމަށް 1،600 ދަރިވަރުން ހުށަހެޅި ނަމަވެސް ޖާގަ ދީފައިވަނީ 1،200 ދަރިވަރުންނަށެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ މާޗް މަހު މަސައްކަތް ފެށި ސަލާހުއްދީން ސްކޫލަކީ މާލެ ސަރަހައްދުގައި އަލަށް އިމާރާތްކުރާ ހަތަރު ސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.