މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަމިއްލަ އިމްތިހާނެއް ފަރުމާކުރަން ފަށައިފި

Aug 31, 2022
1

ދިވެހި ދަރިވަރުންނަށް ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސަލީމު ވިދާޅުވީ ރާއްޖޭގެ ޔުނިވަސިޓީތަކުގައި ބައެއް ދާއިރާތަކުން ދުނިޔެ ގަބޫލުކުރާ ރާއްޖޭގެ އަމިއްލަ ޕްރޮގްރާމުތައް ހިންގާ ކަމަށެވެ. އެގޮތަށް އޯލެވަލް އާއި އޭލަވަލްގައި އަމިއްލަ އިމްތިހާނެއް ފަރުމާ ނުކުރެވެންވީ ކީއްވެގެންތޯ ސަލީމު އެއްސެވި އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބޭއްވުމަކީ އެކަމަނާ ވެސް ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަން ހާސިލްވުމަކީ ކުރައްވާ އުއްމީދެއް ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދެނީ ގައުމީ މަންހަޖު (ނެޝަނަލް ކަރިކިއުލަމް) އަށް ކަމަށްވާތީ ރާއްޖޭގައި އިމްތިހާން ކަރުދާސް ހަދާ އިދާރާ އަކުން އަމިއްލަ އިމްތިހާނެއް ހަދައިފިނަމަ ދަރިވަރުންނަށް ފަސޭހަ ވާނެ ކަމަށެވެ.

"އޭރުން ދިވެހިރާއްޖެއާ ގުޅޭ، ކޮންޓެކްސްޓްއަލީ ރިލަވަންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާ ކުރެވޭނެ. އެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ފަށާފައި ވާނީ. އެކަމަކު އަދި އެއީ ކުރެވެމުންދާ މަސައްކަތެއް،" ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ފުރަތަމަ ޕީއެޗް ހާސިލް ކުރެއްވުމުގެ ޝަރަފް އޮތް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު އޯލެވަލްގެ ދަރިވަރުން ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭލެވަލްގެ ދަރިވަރުން ހަދަނީ އެޑެކްސަލް އެވެ. ނަމަވެސް މިމަހުގެ 24 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އޭ ލެވަލް ކުދިންނަށް ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު އޭ ލެވަލްގެ ދަރިވަރުން ހަދާނީ ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާން ކަމަށެވެ.