ރައްޔިތުންގެ މަޖިލިސް

އަރަބިއްޔާގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު: މިނިސްޓަރު

ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ ސްކޫލާއި ގުޅޭ ގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު ވިދާޅުވީ ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކޮންސެޕްޓް ކުރެހުން ފައިނަލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވަނީ މި އިމާރާތުގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވިފަ. ކުރިއަށްދަނީ ޑީޓެއިލް ޑްރޮއިންގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް. މިމަހުގެ ނިޔަލަށް ޑީޓެއިލް ޑްރޮއިންވެސް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގޮތަށް މަސައްކަތް ކުރިއަށްދާނަމަ 2024 ވަނަ އަހަރުގެ ދިރާސީ އެ ސްކޫލު ހުޅުވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓު ހުށަހެޅިއިރު އަރަބިއްޔާ ސްކޫލު ނުހިމެނި އޮތީ އިދާރީ ކުށެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފުުރަތަމަ ބަޖެޓަށް ފޮނުވިއިރު، އަސްލު އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ހުރިހާ އެއްޗެއް ފޮނުވާފައި ހުންނާނީ. ނަމަވެސް އިދާރީ ކުށެއްގެ ސަބަބުން ނުހިމެނި އޭތި އޮތީ. ނަމަވެސް އެކަން އަޅުގަނޑުމެންނަށް ރިއަލައިޒްވި ހިސާބުން ބަޖެޓު ފޮތުގައި ހިމަނާފަ ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 168 މިލިއަން ރުފިޔާ އަށެވެ.