މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަރަބިއްޔާ ސްކޫލު، ދަރުމަވަންތަ ސުކޫލްގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފި

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކޮށްފި އެވެ.

މިބަދަލާ އެކު ކުރިއަށް އޮތް ދިރާސީ އާ އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގަ އެވެ. ދަރުމަވަންތަ ދަރިވަރުން ދިރާސީ އާ އަހަރުގައި ކިޔަވާނީ ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތު ގައެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ދަރުމަވަންތަ ސްކޫލު ބަދަލުކުރުމާ ގުޅިގެން އެ އިމާރާތުގައި ކުރިން ހުރި ނޫކުލަ ވެސް މިހާރު ވަނީ ދަރުމަވަންތަ ސްކޫލުގެ ކުލައަށް ބަދަލުކޮށްފަ އެވެ.

އަރަބިއްޔާގެ ދަރިވަރުން ނިމުނު ދިރާސީ އަހަރުގައި ކިޔެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތުގައެވެ. އެ އިމާރާތަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލަށް އަޅާދީފައިވާ އިމާރާތުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ދިރާސާއަކުން ހާމަވުމުންނެވެ.

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލު ހުޅުވާ އެތަނުގައި ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު 19، 2013ގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރަން ފެށިތާ މިވީ 10 އަހަރު ތެރޭގައި އިމާރާތުގެ ބައެއް ތަނބުތަކުގައި ވަނީ ރެނދު ލާފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިން ހަމަޖައްސައިދީ އެ ބިމުގައި ސްކޫލެއް އެޅުމަށް މިހާރު ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުވެސްކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އަމީނަށް މަސައްކަތް ހަވާލުކުރި ނަމަވެސް ބިން ސާފުކުރުން ފިޔަވާ އެތަނުގައި އަދި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ހެދުމަށް އަމީން ކޮންސްޓްރަކްޝަނަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.