ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނުނިމެނީސް އެ ސްކޫލަށް ދަރިވަރުން ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަނީ ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސްކޫލުގެ މަސައްކަތް ނުނިމެނީސް މިމަހުގެ 23 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް ކުދިން ބަދަލުކުރަން ނިންމާ އެކަން ސްކޫލުގެ މެނޭޖުމަންޓުން އަންގާފައިވާ ކަމަށެވެ.
ސަރުކާރުން ބެލެނިވެރީންނަށް އެއްވެސް ކަމެއް ހިއްސާނުކޮށް އަވަސް އަރުވާލައިގެން އުޅޭ ސަބަބު ހޯދަން މަގުތަކަށް ނިކުތުމަށް ތައްޔާރަށް ތިބި ކަމަށްވެސް ބެލެނިވެރިން ވަނީ ބުނެފަ އެވެ.
އިމާރާތުގެ މަސައްކަތް ނުނިންމާ ދަރިވަރުން އާ އިމާރާތަށް ބަދަލުކުރުން ބެލެނިވެރިން ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން ސްކޫލުގެ ޗުއްޓީއަށް ތިންމަސް ދުވަހަށް ވެފައިވާއިރު ދިރާސީ އަހަރުގެ ފަހު އިމްތިހާނު ބޯމަތިވެ ގްރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިހާނު ފެށެން ތައްޔާރުވެފައިވާކަން ބެލެނިވެރިން ފާހަގަކޮށްފައިވެ އެވެ.
ސްކޫލުގެ މަސައްކަތް ނުނިމެނީސް ދަރިވަރުން ބަދަލުކުރަން އުޅޭ ކަމަށް ބެލެނިވެރިން ބުނަމުންދާއިރު އެކަމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދަރުމަވަންތަ ސްކޫލްގެ އާ އިމާރަތް ނިމި އެ ސްކޫލް ހުޅުވޭއިރު އެ ތަނުގައި 45 ކްލާސްރޫމް ހުންނާނެ އެވެ. އެއީ އޭ ބްލޮކްގައި 21 ކްލާސްރޫމް އަދި ބީ ބްލޮކްގައި 24 ކްލާސްރޫމް އެވެ.
މި އިމާރާތް ނިންމަން ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއި ކުރީ ފެބްރުއަރީ 4، 2020 ގައެވެ. މަސައްކަތުގެ އަގުގެ ގޮތުގައި 74.9 މިިލިއަން ރުފިޔާ ކަނޑައަޅައި، މަސައްކަތް ނިންމަން ދިނީ އެއް އަހަރެވެ. އިމާރާތުގެ ޑިޒައިނަށް ފަހުން ގެނައި ބަދަލާ އެކު ސްކޫލުގެ މަސައްކަތް ނިންމަން ސަރުކާރުން ވަނީ އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެސްޖޭ އަށް ދީފަ އެވެ. ޑިޒައިނަށް ފަހުން ގެނައި ބަދަލުތަކާ އެކު ސްކޫލުގެ މަސައްކަތް ނިންމަން 150 ދުވަސްވެސް އިތުރަށް ދީފައިވެ އެވެ.