ދަރުމަވަންތަ ސްކޫލް

ދަރުމަވަންތައިގެ އާ އިމާރާތް އަޅަން 74.9 މިލިއަން ރުފިޔާ އަށް އެސްޖޭއަށް

މަޖީދިއްޔާ ދެބައިކޮށްގެން ހެދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށް އެގްރިމަންޓްގައި މިއަދު ސޮއި ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާގެ އަގަކަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ފަހަކަށް އައިސް ވަރަށް ގިނަ ޕްރޮޖެކްޓްތައް މި ކުންފުންނަށް ދެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ ކ،ުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝިހާދެވެ. -- އާ އިމާރާތް އެސްޖޭއިން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިއީ މިދިއަ އަހަރުގެ ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ ވަށާޖެހޭ ތައުލީމު ދޭނެ އަދި އެއްދަންފަޅިއަށް ރާއްޖޭގައި ހިންގާނެ ފުރަތަމަ މޮޑަލް ސްކޫލް ކަމަށެވެ.

އައިޝަތު ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މަސައްކަތް 2021 ގެ އެޕްރީލް މަަސް ތެރޭގައި ނިންމާ ހަވާލުކުރަން ޖެހޭނެ ކަމަށާއި 2022 ގެ ދިރާސީ އާ އަހަރާއެކު ދަރުމަވަންތައިގެ އާ ސްކޫލްގައި ކިޔަވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ޑިޒައިން ކޮށްފައިވަނީ 1000 ދަރިވަރުންނަށް އަދި ކޮންމެ ކްލާސް ރޫމެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް 41 ކްލާސް ރޫމް ހިމަނައިގެނެވެ.

އާ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑްރީ އަށް ވަކިން ދެ ފަންގިފިލާގައި ލައިބްރަރީ ގާއިމް ކޮށްފައި ހުންނާނެ މި ސްކޫލްގައި މަސައްކަތު މީހުންނަށް ތިބެވޭނެ ޖާގަ ވެސް ހުރެ އެވެ. އަދި އިތުރު ހަރަކާތްތަށް ހިންގާނެ ރޫމްތައް ވެސް މި ސްކޫލް ނިމޭއިރު ހުންނާނެ އެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަނީ މިހާރު މާލޭ ޖަލު ހުރި ބިމުގައި ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރު ދަރުމަވަންތަ ހިނގަނީ ވެލާނާގޭ ގޯތީގެ އެއްބައިގައި ހަދާފައިވާ ވަގުތީ އިމާރާތެއްގަ އެވެ.

އެޑިއުކެޝަނުން ބުނީ ދަރުުމަވަންތައިގެ އާ އިމާރާތުގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އަޅާ އާ ސްކޫލް ޑިޒައިން ކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅުގައި ނިންމާ އިުލާން ކުރާނެ ކަމަށެވެ.