ކުރީގެ ސަރުކާރުން ފެށި "ދަސްވާރު" ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އުސޫލުތަކާއި ހިލާފަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
"ދަސްވާރު" ޕްރޮގްރާމާއި ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އުސޫލުތަކާއި ހިލާފަށް އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާތީ ދަރިވަރުންނަށް ސެޓްފިކެޓް ނުދެވުނު ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ދަސްވާރު ސެޓްފިކެޓްތައް ހަދާފައި ނިންމާފައި ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓް ދޭން ހަޔާ އެޑިއުކޭޝަނުން އެއްބަހެއް ނުވި،" އައިޝަތު ވިދާޅުވި އެވެ.
އައިޝަތު ވިދާޅުވީ ދަސްވާރުގައި ކިޔަވައިދޭ އިންސްޓްރަކްޓަރަކީ ވަކި ފެންވަރެއް ހުރި އިންސްޓްރަކްޓަރަކަށްވާން ޖެހޭ ކަމަށެވެ.
"ނަމަކަށް ކަމެއް ކުރާ ގޮތަށް ހަމަ ކޮންމެ މީހެއް ލައްވާ އެއްޗެއް ކިޔަވައިދިނަސް އަޅުގަނޑުމެންނަށް ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯވޭ،" އައިޝަތު ވިދާޅުވި އެވެ.
ޕްރޮގްރާމް ހުއްޓާލި ސަބަބަކީ އެއީ ކަމަށާއި ފަސް މާއްދާއިން ފާސްވާ ކުދިން ކަނޑައެޅުމުގައި އެފަދަ ކޯސްތައް ހަދާފައިވާ ދަރިވަރުން ކުރިން ހިމެނި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވީ ދަރިވަރުންނަށް އެއްޗެއް އެނގިގެން ހަގީގަތުގައި ސްކޫލުތަކުން ނުކުންނަން. އެގޮތުން އަޅުގަނޑުމެން ފަސް މާއްދާ. ހަގީގީ ފަސް މާއްދާ ދަރިވަރުން ސްކޫލުގައި ކިޔަވާފައި އިމްތިހާނުގައި ބައިވެރިވާނެ ގޮތަށް މަޖުބޫރުކުރީ،" އައިޝަތު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ދަރިވަރުން ބާކީ ނުކުރާ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ދަސްވާރު ފަދަ ޕްރޮގްރާމެއް ނޫން ކަމަށެވެ.
"ކުދިން ބާކީ ކޮށްގެން ގްރޭޑް އަށެއް ނިންމާއިރަށް އަޅުގަނޑުމެން ނުބުނަން މީނާއަކަށް ނުކިޔެވޭނެއޭ. ވޮކޭޝަނަލް ކޯހަކަށް ދާށޭ." އައިޝަތު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 ނިންމަންދެން މަސައްކަތްތެރިކަމުގެ ކޯހެއް ދަރިވަރުން ކިޔަވާނެ އެވެ. މިހާރު ސްކޫލު ނިންމާ ދަރިވަރުންނަކީ ފަސް މާއްދާ ކިޔަވާ މަސައްކަތެއް ދަސްވެފައިވާ ކަމުގެ ސަނަދު ލިބިފައިވާ ދަރިވަރަކަށްވާނެ ކަމަށް ވިދާޅުވި އެވެ.