ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ކޮވިޑު-19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާން ކުރެވިފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ހަމަޖެއްސުމާއި ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާސްކު އެޅުން މަޖުބޫރު ނުކުރި ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ފޮނުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
އަދި ސުކޫލުތަކުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން މިރޭ ބުނި ގޮތުގައި އަދިވެސް ދެ ހާލަތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ މީހުންވެސް އެ ވަގުތު މާސްކު އެޅުން މަޖުބޫރުވާނެ އެވެ.
މީގެ އިތުރުން ކޮވިޑު-19 އަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެން މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި މާސްކު އަޅަން ޖެހެއެވެ.
އެޗްޕީއޭއިން މިރޭ ބުނީ ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލިޖެހުމުން ނުރައްކާ ވެދާނެ މީހުންނާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީވެސް އެދެވިގެންވާ ކަމެއް ކަމަށެވެ.