ތައުލީމު

ދިރާސީ އަހަރު ފެށޭއިރު މާލެ ސަރަހައްދުގައި އާ ތިން ސްކޫލެއް ހުޅުވަނީ

މާލެ ސަރަހައްދުގައި އަލަށް ހެދި ތިން ސްކޫލެއްގައި ކުރިއަށް އޮތް ދިރާސީ އާ އަހަރު ފެށޭއިރު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަލަށް ކިޔެވުން ފަށާ ތިން ސްކޫލަކީ މާލޭގެ ދެކުނު ފަރާތުގައި އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ސަލާހުއްދީން ސްކޫލެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދް އަލީ ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު މި ތިން ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

"ދަރުމަވަންތަ ސްކޫލު އަދި ސީއެޗްއެސްއީ މިހާރު ހިންގަމުންދާ އިމާރާތްތަކުގެ ތަކެއްޗާއި ވަސީލަތްތައް މިހާރު ދަނީ އާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން،" އަހްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން މިހާރު ބޭނުންކުރާ އިމާރާތް ކުރިއަށް އޮތް ދިރާސީ އާ އަހަރު ބޭނުންކުރާނީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކަމަށެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ބޭނުންކުރަމުންދާ އިމާރާތް އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ސްކޫލުތަކުން ބަދަލުވުމުގެ މަރުހަލާތައް މިހާރުވެސް ކުރިއަށް އެބަގެންދޭ،" އަހްމަދް އަލީ ވިދާޅުވި އެވެ.

މާލޭގައި ހުރި ސީއެޗްއެސްއީގެ އިމާރާތާ މެދު އަމަލުކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށްވެސް އަހްމަދު އަލީ މައުލޫމާތު ދެއްވި އެވެ.

ދަރުމަވަންތަ ސްކޫލް އިމާރާތް ނިންމަން ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއި ކުރީ ފެބްރުއަރީ 4، 2020 ގައެވެ. ސީއެޗްއެސްއީގެ އާ އިމާރާތް ފުރަތަމަ މާލޭގައި އަޅަން އާރްސީސީއާ ހަވާލު ކުރީ އޮކްޓޫބަރު 17، 2019 ގައެވެ. ނަމަވެސް މާލޭގައި އެކަށީގެންވާ ޖާގަ ނެތުމުން ފަހުން ސީއެޗްއެސްއީގެ އާ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމީ އެވެ. އަދި ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.