ގުރޭޑް 11 އާއި 12 އަށް ކިޔަވާ ދަރިވަރުންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ސީއެޗްއެސްއީގެ މާލޭގެ އިމާރާތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު އަލުން ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ މިއަހަރު އޯލެވެލް ހަދާ ކުދިންގެ ތެރެއިން 1،700 ކުދިން މާލޭގައި ކިޔަވަމުންދާއިރު އެ ކުދިންނަށް މާލެއިން އޭލެވެލްއަށް ކިޔެވޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޭގެ ދަތިކަން އިހުސާސްކުރެވޭ ކަމެއް ކަމަށެވެ. އެހެންވެ މިއަހަރުގެ ސެޕްޓެމްބަރު މަހު އޭލެވެލްގެ ކިޔެވުން ފެށެން ވާއިރަށް މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީ އިމާރާތުގައި އަލުން އޭލެވެލްއަށް ކިޔަވާން ދޭން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީގެ އިމާރާތުގައި ކިޔެވުން ހުއްޓާލީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. މާލެ ސަރަހައްދުގައި އޭލެވަލްއަށް ކިޔަވައިދޭ ސަރުކާރުގެ ހަމައެކަނި ސްކޫލަކަށް މިހާރު ހުރީ ހުޅުމާލޭގައި ހުރި ސީއެޗްއެސްއީގެ އިމާރާތެވެ.
މާލޭގައި ސަރުކާރު ސްކޫލަކުން އޭލެވެލް ކިޔެވޭނެ އިންތިޒާމު ހަމަޖެހުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވެ، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވުމުން އޭލެވަލްއަށް ކިޔަވައިދިނުމަށް ސަރުކާރުން ކުރަމުންދާ ހަރަދުތައްވެސް ކުޑަކުރެވޭނެ ކަމަށެވެ.
"ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގައި އޭލެވަލްއަށް ކިޔަވައިދޭން ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަލުން ހުޅުވި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގައި ހުޅުވި ސީއެޗްއެސްއީގެ އިމާރާތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.