ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭ ސްކޫލަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައި ދޭން ސްކޫލް ބަސް ތައާރަފު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކެޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެއްޓަރީ އަހުމަދު އަލީ އަވަސް އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުން ދާ ކުންފުން، އެމްޓީސީއާއެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަހުމަދު އަލީ ވިދާޅުވީ "ސްކޫލް ބަސް ޕްރޮގްރާމް" ހިންގަން ނިންމާފައި ވަނީ ހިޔާ ފްލެޓްތަކަަށް ބަދަލުވާ އައިލާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކަމަށާއި އެއީ ދެވަނަ ފިޔަވަހީގައި އަދި ސްކޫލެއް އިމާރާތް ކޮށްފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ހިންގަން ތައްޔާރުވަމުންދާ ސްކޫލް ބަސް ޕްރޮގްރާމްގެ އަމާޒަކީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކުގައި މާލޭގައި ކިޔަވަމުންދާ ސްކޫލްތަކުން ދެވުން،" އަހުމަދު އަލީ ވިދާޅުވި އެވެ.
މި ޕްރޮގްރާމަށް ޑިމާންޑް އޮތްވަރު ބެލުމަށް ސާވޭއެއް ވެސް ހަދަމުންދާ ކަމަށް ވިދާޅުވި އެވެ. އަހުމަދު އަލީ ވިދާޅުވީ ސްކޫލް ބަހުގެ ހިދުމަށް ދޭން ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރަން ވަނީ ނިންމާފަ އެވެ. މިހާރު ވަނީ އޭގެ ތެރެއިން ދެ ސްކޫލެއް އިމާރާތް ކުރަން ހަވާލުކޮށްފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު "ސަލާހުއްދީން ސްކޫލް" މަސައްކަތައް ވަނީ އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. ނިންމަން ޖެހޭނީ އަންނަ އަހަރުގެ މާޗަށެވެ. އެއީ 118 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދެވަނަ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީއާ އެވެ. މިއީ 243 މިލިއަން ރުފިޔާގެ ޕްރޮޖެއްޓެކެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހޭނެ އެވެ.