މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލް ބަސް ފެށޭނީ އެމްޓީސީސީއަށް ބަސް ލިބުމުން: އެޑިޔުކޭޝަން މިނިސްޓްރީ

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް އައުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސްކޫލް ބަސް ތައާރަފުކުރުމުގެ ގާބިލްކަން އެމްޓީސީސީގައި އަދި މިވަގުތު ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިޔުކެޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އަވަސް އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް އައުމަށް އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނި، އެމްޓީސީއާ އެކުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ސްކޫލް ކުދިނަށް ހާއްސަކޮށްގެން ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީގައި މިވަގުތު ބަސް ނެތް ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ. ނަމަވެސް ބަސް ގެނައުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށާއި ބަސްތައް ގެނައުމުން ސްކޫލް ބަހުގެ ހިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

އަހުމަދު އަލީ ވިދާޅުވީ ސްކޫލް ކުދިންނަށް ހާއްސަކޮށް ބަހެއް ނެތަސް އެމްޓީސީސީން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ވެސް ބަހުގެ ހިދުމަތް ފޯރުކޮށްދޭތީ އެ ހިދުމަތް ލިބުމުގައި ކުރިއަށް ވުރެ މިހާރު ފަސޭހަތަކެއް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރަން ނިންމާފައިވެ އެވެ. މިހާރު ވަނީ އޭގެ ތެރެއިން ދެ ސްކޫލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު "ސަލާހުއްދީން ސްކޫލް"ގެ މަސައްކަތް ވަނީ އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. ނިންމަން ޖެހޭނީ އަންނަ އަހަރުގެ މާޗަށެވެ. އެއީ 118 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ދެވަނަ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީއާ އެވެ. މިއީ 243 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހެ އެވެ.