ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލު ކުރަން ކުރާ މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ ފުރަތަމަ ފަންގިފިލާގެ ކޮންކުރީޓް އެޅުމުގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ވިދާޅުވީ ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އެ މަޝްރޫއުގައި މިހާރު ތައްޔާރުވަމުން ދަނީ އޭ ބްލޮކްގެ ފުރަތަމަ ފްލޯގެ ކޮންކުރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި ވިދާޅުވީ، އެ އިމާރާތުގެ ބީ ބްލޮކް ކޮންޓްރެކްޓާ ފައިނޭންސިން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރަން ވެސް ޓެންޑާ ބޯޑަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ސީއެޗްއެސްސީ އިމާރާތް ހުޅުމާލޭގައި އިމާރާތް ކުރަން ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީއާއެވެ.
ނަވާރަ ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް އެ ކުންފުންޏާ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ހަވާލުކުރީ 33.4 މިލިއަން ރުފިޔާ އަށެވެ.
ސީއެޗްއެސްސީގެ އާ އިމާރާތް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މާލެ ޖަލާއި ވިލާ ކޮލެޖާ ދެމެދު އޮތް ހުސްބިމުގައި އިމާރާތް ކުރަމުންދާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް މި އަހަރު ނިންމައިލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. =