ހަބަރު

އެއް ދަންފަޅީގެ ސްކޫލްތައް ފަށާނީ ފަތިސް ނަމާދުން: މިނިސްޓަރު

އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހެނދުނު ފަތިސް ނަމާދުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރުމުން ސްކޫލްތައް ކޮންމެ ދުވަހަކުވެސް ފަށާނީ ފަތިސް ނަމާދަށް ފަހުގައި ކަމަށާއި އޭގެ ފަހުން ތަފާތު ކުޅިވަރު ކަސްރަތުތަކުގައި ކުދިން ބައިވެރިވާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ކިޔެވުން ފަށަނީ ނަމާދަށް ފަހު ސްކޫލުގައި ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތައް ނިމުމުން ކުދިން ގެއަށްގޮސް އަލުން ސްކޫލަށް އައިސް ނާސްތާ ކުރުމަށްފަހު ކަމަށެވެ.

"އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރު، ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށް ގޮސް ސުކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ 22 ސްކޫލެއްގައި ވަނީ ފަށާފަ އެވެ. އެއީ، އަތޮޅުތަކުގެ ތެރެއިން 20 ސްކޫލާއި މާލެ ސަރަހައްދުން ވިލިމާލޭގައި ހުންނަ މުހިއްޔުއްދީން ސްކޫލާއި ހުޅުމާލެ ހުރަވީ ސްކޫލުގަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރަނީ ހަމަ އެކަނި ސެޝަން ބަދަލު ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި އޭގެ ސަބަބުން، ވަށައިޖެހޭ ތައުލީމު ފޯރުކޮށްދީ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމްކޮށް ދަރިވަރުން ދުނިޔެއަށް ލޯ ހުޅުވައި ދިރިއުޅުމަށް ތައްޔާރުކޮށްދެވޭނެ ކަމަށެވެ.

"ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ ހުނަރުވެރި ތައުލީމީ، ދީނަށް ލޯބިކުރާ ހަށިހެޔޮ ކުދިން ތަކަކަށް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި އިތުރަށް ވިދާޅުވީ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ އެންމެ ބޮޑު ފައިދާއަކީ ސްކޫލްގެ ސެޝަން ނިމި ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ. އަދި ޕައިލެޓް ޕްރޮގްރާމަށްފަހު އެއްދަންފަޅިއަށް ކިޔަވަދިނުން ކުރިއަށް ގެންދާނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާ އާ އެކު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިއްޔެ ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ރަސްމީކޮށް ފަށައިފަ އެވެ.