ހަބަރު

ސީއެޗްއެސްއީ އަޅަން ހުޅުމާލެއިން ބިން ދީފި

ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިމެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ދީފި އެވެ.

މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އޮތް ރަސްމިއްޔާތެއްގައި، އެޑިއުކޭޝަން މިނިސްޓްރީ އާ ދެފަރާތުން އެއްބަސްވުމުގައި ސޮއި ކުރި އެވެ.

އެޗްޑީސީން ބުނި ގޮތގައި މި ސްކޫލު ބަދަލު ކުރަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ސަރަހައްދަށެވެ. އަދި، އަކަފޫޓުގައި 2406.57 ހުންނާނެ ކަމަށެވެ.

އޭލެވެލަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސްކޫލް، ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ނިންމީ މި އަހަރު ކުރީކޮޅު އެވެ. މި ބަދަލު ގެނައުމަށް ސަރުކާުރުން ނިންމި އިރު ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލު ކޮށްފައި ވެއެވެ.

ސީއެޗްއެސްއީގައި އަށް ބުރީގެ އިމާރާތެއް އަޅަން އާރުސީސީއާ ހަވާލު ކުރީ އޮކްޓޫބަރު 17، 2019 އިގަ އެވެ. އެ މަސައްކަތް ދިނީ 33 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމާށެވެ.

ކުރިން ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ) ގެ ނަމުގައި ސީއެޗްއެސްއީ ހުޅުވީ 1979 ވަނަ އަހަރު އެވެ. 47 ދަރިވަރުންނާއެކު އެސްއީސީ ހުޅުއްވައި ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. އޭރު ހުންނެވީ އެމެރިކާގެ ޕްރިންސިޕަލެކެވެ.

ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ސްކޫލން ގައުމީ ވަނަތައް ހޯދާފައިވާ އެތައް ދަރިވަރުންނެއް ދަސްވެނިވެ ގައުމަށް ހިދުމަތް ކުރަމުންދެ އެވެ. އެސްއީސީގެ ނަން ސީއެޗްއެސްއީ އަށް ބަދަލު ކުރީ 2001 ވަނަ އަހަރު އެވެ.