އެޗްޑީސީ

ދެވަނަ ފިޔަވަހީގައި ދެ ސުކޫލު އަޅަން ބިން ހަވާލުކޮށްފި

Apr 21, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސުކޫލެއް އެޅުމަށް ބިން ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއަށް ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

ދެވަނަ ފިޔަވަހީގައި އަޅާ ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލަށް ހަމަޖައްސައިދިނީ 60،720 އަކަފޫޓުގެ ބިމެކެވެ. ދެވަނަ ސްކޫލަށް ހަމަޖައްސައިދިނީ 65،534.61 އަކަފޫޓުގެ ބިމެކެވެ.

ދެ ސްކޫލުގެ އެއް ސްކޫލަކީ އެއްފަހަރާ 1،200 ކުދިންނަށް އަދި ދެވަނަ ސްކޫލަކީ އެއްފަހަރާ 1،500 ކުދިންނަށް ކިޔަވައިދެވޭ ގޮތަށް ފަރުމާ ކުރާ ސްކޫލުތަކެކެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު މިހާރު އެ ސަރަހައްދުގައި ވަގުތީ ދެ މިސްކިތާއި ދާއިމީ މިސްކިތެއް ވަނީ ބިނާކޮށްފަ އެވެ. މީގެއިތުރުން ހިޔާ ސަރަހައްދުގެ މަގުތަކާއި ފިހާރަތައް ހަދައި ބައެއް އަސާސީ ހިދުމަތްތައް ވަނީ ގާއިމުކޮށްފަ އެވެ.

މީގެއިތުރުން އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ސްކޫލުތަކާއި ޕްރީ ސްކޫލުތައް ވެސް ގެންދަނީ އަޅަމުންނެވެ.