ހުޅުމާލެ

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ޕްރައިވެޓް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އެވެ. އަދި އައިލެންޑާޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހްމަދު އަދުލީ ރަޝީދު އެވެ.

އައިލެންޑާޒް އެޑިޔުކޭޝަނުން މިހާރުވެސް މާލޭގައި ތިން އިންޓަނޭޝަނަލް ސްކޫލް ހިންގަ އެވެ. މީގެތެރޭގައި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލާއި، ބިލަބޮންގް ހައި އިންޓަނޭޝަނަސް ސްކޫލް އަދި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް ހިމެނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތައް އިތުރުވަމުން އަންނައިރު ދެވަަނަ ފިޔަވަހީގައި 14 ސްކޫލެއް އަޅަން ވަނީ ނިންމައިފަ އެވެ. އަދި ބައެއް ސްކޫލުތައް އެޅުމަށް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުވެސް ކޮށްފަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަަވަހީގައި ދެ ޕްރައިވެޓް ސްކޫލު އަޅަން ވެސް މިއަަހަރު ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އެ ސަރަަހައްދުގައި ޕްރައިވެޓް ސްކޫލެއް އަޅަން ވިލާ އެޑިއުކޭޝަން ސާވިސްއާ ހަވާލުކުރި އެވެ. އަދި އިންޓަނޭޝަނަލް ސްކޫލެއް އަޅައި ހިންގަން ކުވެއިިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕާ މިިދިޔަ އޮގަސްޓު މަހު ހަވާލުކުރި އެވެ.