ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިބަދަލު ގެނައުމަށް ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ކުދިންނަށް ހުރަވީ ސްކޫލުން ޖާގަ ދިނުމަށް ނިންމާފައިވާތީ އެވެ.
ދެވަނަ ފިޔަވަހީގައި އަދި މިހާތަނަށް ސްކޫލެއް ހަދާފައެއް ނުވެ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ސްކޫލުތަކުގެ ތެރެއިން ދެވަނަ ފިޔަވައްސާ އެންމެ ގާތުގައި ހަދާފައިވާ ސްކޫލަކީ ވެސް ހުރަވީ ސްކޫލެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް، 54 ކްލާސް ރޫމް ހިމެނޭ ހުރަވީ ސްކޫލުގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރު އެވެ.
އެއް ދަންފަޅިއަށް މިހާރު ކިޔަވައިދެމުންދާ ހުރަވީ ސްކޫލުގައި މިވަގުތު 1،600 ދަރިވަރުން ކިޔަވަމުންދެ އެވެ. ދެ ދަންފަޅިއަށް ހުރަވީ ސްކޫލް ބަދަލުކުރުމާ ގުޅިގެން އިތުރު 1،000 ކުދިންނަށް ޖާގަ ދެވޭނެ ކަަމަށް މިނިސްޓްރީން ލަފާކުރެވެ އެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ސްކޫލުގެ ގޮތުގައި ފާހަގަކުރެވޭ ހުރަވީ ސްކޫލުގައި 780 ދަރިވަރުންނާއި އެކު ކިޔަވައިދޭން ފެށީ ޖެނުއަރީ 13، 2019 ގައެވެ.
ހަތް ބުރީގެ ތިން ބްލޮކް ހިމެނޭ ހުރަވީ ސްކޫލުގެ ދެ ކްލާސްރޫމު ހާއްސަކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށެވެ.
ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި ތިން ސްކޫލެއް އަޅަން ފިނޭންސް މިނިސްޓްރީން މީގެކުރިން އިއުލާންކޮށް ބަޔަކާ ހަވާލުކޮށްފައިވެ އެވެ. އަންނަ އަހަރުގެ ފަހުކޮޅު ސްކޫލުތަކުގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.