އެޗްޑީސީ

ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން ވިލާއަށް

Nov 27, 2022

ހުޅުމާލޭގައި އިތުރު ސްކޫލެއް އެޅުމުގެ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސެސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ މި ސްކޫލުގައި ހަ ފުލޯ ހުންނާނެ އެވެ. ޖުމްލަ 761 ދަރިވަރުންގެ ޖާގައިގައި ހުންނަ މި ސުކޫލުގައި 20 ކްލާސްރޫމް ހުންނާނެ އެވެ.

މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމު މި ސުކޫލުގައި ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެ އެވެ.

ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމު ކުރެވުމުން އިދާރީ އަދި ތައުލީމީ ދާއިރާއިން 100 އެއްހާ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޗްޑީސީން ދަނީ ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މިކަމަށް ދެމުންދާ އެއްބާރުލުން އެޗްޑީސީ އިން ވަނީ ފާހަގަކޮށްފަ އެވެ.