ހުޅުމާލޭގައި އަލަށް ހުޅުވާ ސަލާހުއްދީން ސްކޫލްގެ ޕްރިންސިޕަލަށް ހދ. ކުޅުދުއްފުށި އާފީފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ނާސިހާ އިދުރީސް ހަމަޖައްސައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުޅިން އަޅާފައިވާ ސަލާހުއްދީން ސްކޫލުގައި ކުރިއަށް އޮތް ދިރާސީ އާ އަހަރުގައި ކިޔަވައިދޭން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ
ސަލާހުއްދީންގެ ޕްރިންސިޕަލަކަށް ނާސިހާ ހަމަޖައްސައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ މާލެއަށް ބަދަލުކޮށްފަ އެވެ.
ސަލާހުއްދީން ސްކޫލުން ޖާގަ ދީފައިވާ ދަރިވަރުންގެ ބެލެނިވެރިންނާ އެކު މިނިސްޓަރު މިރޭ ބޭއްވި ބައްދަލުވުމުގައިވެސް ނާސިހާ ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.
ސާނަވީ މުދައްރިސެއްގެ ގޮތުގައި 2005 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ނިކުތް ނާސިހާ ވަނީ މީގެ ކުރިން އިމާދުއްދީން ސްކޫލުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.
ނާސިހާ ވަނީ ޕްރިންސިޕަލް ކަމުގެ މަގާމު ތިން ސްކޫލެއްގައި އަދާކުރައްވާފަ އެވެ. އެގޮތުން ލ. އިސްދޫ ސްކޫލާއި، ހދ. ވައިކަރަދޫ ސްކޫލުގައި ޕްރިންސިޕަލްކަން ކުރެއްވުމަށްފަހު އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމާ އޭނާ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރު އެވެ.
އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ މާޗް މަހު މަސައްކަތް ފެށި ސަލާހުއްދީން ސްކޫލަކީ މާލެ ސަރަހައްދުގައި އަލަށް ގާއިމުކުރެވޭ ސަރުކާރުގެ ހަތަރު ސްކޫލު އިމާރާތުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ދެން ގާއިމުކޮށްފައިވަނީ ސީއެޗްއެސްގެ އާ އިމާރާތާއި ދަރުމަވަންތަ ސްކޫލުގެ އިމާރާތާއި އަރަބިއްޔާ ސްކޫލުގެ އިމާރާތެވެ.
މި ހަަތަރު އިމާރާތުގެ ތެރެއިން އަރަބިއްޔާގެ އިމާރާތް ފިޔަވާ އެހެން ސްކޫލުތަކުގެ ކިޔެވުން ދިރާސީ އާ އަހަރާ އެކު ފެށިގެންދާނެ އެވެ. އަރަބިއްޔާގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައެއް ނުވެ އެވެ. އަރަބިއްޔާގެ އާ އިމާރާތްވެސް އަޅަން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށެވެ.